top of page

އަނާގެ ފިޔޮއްތައް

  • Writer: Vaahaka Goani
    Vaahaka Goani
  • Jun 1, 2020
  • 2 min read

ދުވަހަކީ ވަރަށް ރީތި ދުވަހެކެވެ. އަނާގެ ކާފަ ކުކުޅުތަކަށް ކާންދޭން އުޅެއެވެ. އާނާ ވެސް ކާފަ އަށް އެހީވިއެވެ. ކުކުޅުތައް ފަހަތުން ދުވެ މަޖާކޮށް ހެދިއެވެ. އަނާ ކާފަގާތު ކުކުޅުގެ ގެއަކީ ކޮބައިހޭ އެއްސެވެ. ކާފަބުނީ ކުކުޅުތައް ގިނައިން އުޅޭނީ ވަލުގައި ކަމަށެވެ. ނަމަވެސް ބައެއްފަހަރު ބުޅަލުން ސަލާމަތް ވުމަށް ހާލިހަދައިގެން ފިލާއުޅޭ ކަމަށްވެސް ބުންޏެވެ. އަނާ ކުކުޅު ހާއްޔެއް ހޯދާހިތްވިއެވެ. އެދުވަހު އަނާ ކުކުޅުތައް ދާ ނުދާ ދިމާ ބެލިއެވެ. އެވަގުތު އަނާއަށް ފެނުނީ އެތަނުން އެއް ކުކުޅު ޓިނުގަނޑެއްގެ ދަށަށް ވަންތަނެވެ. އަނާ ވަރަށް މަސައްކަތްކޮށްގެން ވެސް އެތަނަކަށް ނުވަދެވުނެވެ. ހީވާގޮތުން ކޮންމެވެސް އެއްޗެއް ރައްކާކުރަން މީހަކު ހަދާފަ ހުރިތަނެކެވެ. ނަމަވެސް މިހާރު އެތަން ހުރީ އެއްވެސް މީހަކު ބޭނުން ނުކުރާތީ ކޮންމެވެސް ވަރަކަށް ވީރާނާވެފައެވެ.


އެތަނަށް ނުވަދެވޭނޭ ހިތަށް އެރިތަނާ އަނާ އަށް އަޑެއް އިވުނެވެ. ފިޔޮއް ގޮވާއަޑެވެ. ފިޔޮކުގެ އަޑު އިވުމުން އަނާ ކޮންމެހެންވެސް ބަލާލާ ހިތްވެއްޖެއެވެ. ވަރަށް މަސައްކަތުން އެތާކައިރީ އޮތް ގަލެއް އެއްކައިރި ކޮށްލިއެވެ. އެވަގުތު ޓިނުގަނޑުގައި ދަބަރުޖަހައިގެން ހަލާކުވެފައި ހުރި ތަންކޮޅަކުން ކުޑަ ފިޔޮކެއް ނުކުތެވެ. އަދި އެކިދިމާއިން ހައެއްކަ ފިޔޮއް ނުކުތެވެ. އަނާއަށް ފިޔޮތައް ވަރަށް ރީއްޗެވެ. އަދި ކުޅޭހިތުން ފިޔޮކެއް ހިފޭތޯ ބެލިއެވެ. ނަމަވެސް ފިޔޮއްތައް މާ ހުޝިޔާރެވެ. މަޑުމަޑުން ފަހަރަކު ފިޔޮކެއް ކުކުޅުގެ ފަހަތުން ދުވެފައި ދިޔައެވެ. މިގޮތުގައި އެތައް އިރަކު އަނާ ކުޅެން އުޅެފައި އެނބުރި ގެއަށްވަނީ މަންމަ ގޮވާލި އަޑަށެވެ.



ޖެހިގެން އައި ދުވަހުވެސް ކާފަ ކުކުޅުތަކަށް ކާންދޭން އުޅެނިކޮށް އަނާ ނުކުތެވެ. އަނާވެސް ކުކުޅުތަކަށް ކާންދޭން އުޅެފައި، ތަންކޮޅެއް ދުރުގައި ހުރި އުނދޯއްޔެއްގައި މަންމަ އާއި މާމަ ހަނޑޫ ހޮވަން ތިބިތަން އަނާއަށް ފެނުމުން އެދިމާއަށް ހިނގައިގަތެވެ.


އެވަގުތު ވަރަށް ބާރަށް އަނާ ފަހަތުން އެއްޗެއް އަންނަ އަޑަށް އަނާ ބާލާލިއެވެ. ބަލާލިއިރު އަނާއަށް ފެނުނީ ކުކުޅެއް އަނާފަހަތުން ދުވެފައި އަންނަތަނެވެ. ހިނދުކޮޅެއްގެ ތެރޭގައި ކުކުޅު އައިސް އަނާގެ ބޮލަށް އަރަން އުޅުނެވެ. އަނާ ގަންނާކުރެއްވި ބިރުން ބާރަށް ދުއްވައިގަތެވެ. އަނާއަށް ކުކުޅުގެ ކިބައިން ސަލާމަތް ވެވުނީ މަންމަމެން ތިބި އުނދޯއްޔާހަމައަށް ދެވުމުންނެވެ. އަނާއަށް އޭރު މާނޭވާލެވެއެވެ. މަންމަ އަނާގާތު ބުނީ އެއީ ބޮލަށް އަރާ ކުކުޅެއް ކަމަށެވެ. އަނާއަށް މިކަހަލަ ކުކުޅަކާއި މިދިމާވީ އަދި އަލަށެވެ. އަނާ ގެންފަހުރި ބިރުން އެދުވަހު ދެން އެނބުރި ކުކުޅަތައް އުޅޭ ހިސާބަށްވެސް ނުދެއެވެ.



އޭގެ އަނެއް ދުވަހު އަނެއްކާވެސް އަނާ ފިޔޮތްތައް ހޯދަން ދިޔައެވެ. އެދުވަހު އަނާއަށް ފެނުނީ ހަފިޔޮކުގެ ބަދަލުގައި ހަތަރު ފިޔޮކެވެ. އަނެއް ފިޔޮތްތައް ވީގޮތަކާއި މެދު އަނާ ވިސްނާލިއެވެ. އޭގެ އަނެއް ދުވަހުވެސް އަނާ ފިޔޮތްތައް ހޯދަން ދިޔައެވެ. އެދުވަހު ފެނުނީ އެންމެ ފިޔޮކެކެވެ. އަނާ ވަރަށް ހައިރާންވިއެވެ.


އެދުވަހު އަނާ ގެއަށް ވަންއިރު ކާފަ ހުރީ ވަރަށް ހާސްވެފަ، މާމަ އާއި ވާހަކަ ދައްކާށެވެ. ކާފަ ބުނާތީ އަޑުއިވުނެވެ. ޓިނުގަނޑުކައިރީގަ އޮތް ގާބުރި އޮތީ ނަގާފަ ކަމަށާއި އެދޭތެރެއިން ބުޅަލެއް ވަން ވާހަކަ ކާފަ ބުންޏެވެ. އަނާއަށް ވަގުތުން ވެގެން އުޅޭގޮތް ސިފަވެގެން ދިޔައެވެ. މިވީ ކިހާ ދެރަކަމެއްހެއްޔެވެ. އަނާ އަށް މިހެން ވާނެކަން އެގުނު ނަމަ އަނާ އެގާގަނޑު ނުނަގާނެއެވެ. ކާފަ ރުޅިއަތުވެދާނެތީ އަނާ ވަރަށް ޖެހިލުންވެ ހުރެ ކާފައަށް ވީގޮތް ކިޔާދިނެވެ. އަނާ އެވާހަކަ ބުނުމުން ކާފަ އަނާ ހިތްހަމަ ޖައްސާދިނެވެ. އަދި އަނާ ގަސްތުގައި ކުރިކަމެއް ނޫންވީމާ އެއީ އެހާ ބޮޑު ކަމެއް ކަމަށް ނުވިސްނާށޭ ކާފަ ބުންޏެވެ. ދެންފަހަރަކުން ވެސް މިކަހަލަ ކަންތައްތަކާއި މެދު ވިސްނުން މުހިންމު ކަމަށް ކާފަ އަނާ ގާތު ބުންޏެވެ.


ކުރީ ދުވަހު އަނާ ފަހަތުން ކުކުޅު ދުވެފައި ގޮސް ބޮލަށް އެރީ ކީއްވެކަން އަނާއަށް ވިސްނުނެވެ. އޭގެ ފަހުން ޖަނަވާރު ތަކާއި އެކު ކުޅެ އުޅުމުގައި އެތަކެތީގެ ރައްކާތެރިކަމަށް އަނާ އަބަދުވެސް ވިސްނައެވެ. އަނާ ކާފަގާތުން އެކި ޖަނަވާރުތަކާއި ބެހޭ ވަރަށް ގިނަ މައުލޫމާތުތައް ހޯދިއެވެ. އަދި ރަށުތެރޭން ފެނުނު ޖަނަވާރުތަކުގެ ތަސްވީރު ކުރަހާ ރަޙްމަތްތެރިންނަށް ހަދިޔާ ކުރުމަށް ރައްކާކުރިއެވެ.

コメント


© Copyright Vaahaka Goani
© Copyright Vaahaka Goani
© Copyright Vaahaka Goani
© Copyright Vaahaka Goani
bottom of page