!ހިނގާ ގެއަށް ދަމާ
- Vaahaka Goani
- May 14, 2020
- 3 min read
ބޮޑުދައިތަގެ ގޭގެ އުނދޯލީގައި އަނާ އާއި އަނާގެ ރަހްމަތްތެރި ހައްވަ އާއި ދެކުދިން ސަކަރާތްޖަހަން ތިބޭތާ އިރުގަނޑެއް ވެއްޖެއެވެ. އެކަމަކު އަދިވެސް އަނާ ބަލާ ބައްޕަ އެއް ނާދެއެވެ. އަނެއްކާ ކިހިނެއް ވީބާ؟ އަނާއަށް އެނބުރި ގެއަށް ދާން އިނގޭނެބާ؟ އަނާ ވަރަށް ގިނައިން ކުޅެލަން ބޮޑުދައިތަ ގޯއްޗަށް ދެއެވެ.

އެދުވަހު ވެސް އަނާ ބައްޕަ އާއި އެކު އެގެއަށް ދިޔައީ ރޯދަ ކުރުކޮށްލަން ހައްވަ އާއި އެކު ކުޅެލާށެވެ. އެކަނި އުޅެވޭ ވަރަށް އަނާއަށް އަދި ރަށު ތެރެ ދަހެއް ނުވެއެވެ. އަނާ ރަށަށް އައިތާ މިވީ އެއްމެ ހަފުތާއެކެވެ. އުނދޯލީގައި ތިބެފައި އަނާ ބުންޏެވެ. "ހިނގާ އެކަނި ގެއަށް ދާން؟" އަނާ މިހެންބުނީ ހައްވަ އަބަދުވެސް އެކަނި ދާކަމަށެވެ. އަނާ ކުޑަކޮށް ވިސްނާލިއެވެ. އެއީ އެހާ އުނދަގޫ ކަމަކަށް ވެދާނެ ކަމަކަށް އަނާ ހިތަކަށް ނާރައެވެ. "އާނ، ހިނގާ ދާން ދޯ؟" ހައްވަ ބުންޏެވެ. "ގެއަށްދާ މަގުމަތީގަ ހުންނާނެ ބޮޑު ހެލެބެލި ގަހެއް. އަދި ދާގަނޑު ކެކުރި ވެލެއްވެސް އަނާއަށް ފެނުނު". އެގެއަށް އައި މަގުމަތިން އަނާއަށް ފެނުނު އެއްޗެހި ހިއްސާ ކޮށްލިއެވެ.
ކޮންމެއަކަސް ދެ ރަޙްމަތްތެރިންނަށް ވެސް މީ ވަރަށް ރަގަޅު ކަމެއް ކަމަށް ވިސްނިގެން ގެއިން ނުކުތެވެ. އަނާ ބުނީ ފުރަތަމަ ދާން ޖެހޭނީ ކަނާއަތަށް ކަމަށެވެ. ހައްވަ ބުނީ ދާންވާނީ ވާތްފަރާތަށް ކަމަށެވެ. މިގޮތަށް އިރުގަނޑަކު ވާހަކަ ދައްކަން ތިބެފައި ހިނގައިގަތެވެ. ގޭ ދޮރުން ނުކުމެފައި ދެކުދިން ދިޔައީ ދެފަރާތަށެވެ. އަނާއަށް ވަކި ހިސާބަކުން ހެލެބެލިހުތް ގަސް ފެނިއްޖެއެވެ. އަނާ ވަރަށް ބާރަށް ދުއްވައިގަތެވެ. އަދި ކަންމަތިން ލަނބާލި ވަގުތު ގަލެއްގައި އަޅައި ގަނެފަ އަނާ ވެއްޓުނެވެ. އަނެއްކޮޅުން އޭރު ހައްވަ ވެސް ދުވެފައި އާދެއެވެ. ހައްވަ ފެނުމުން އަނާ ވަރަށް އުފާވިއެވެ. އަނާ ތެދުވަން ހައްވަ އެހީތެރިވެ ދިނެވެ. ދެކުދިން ވެސް ހެލެބެލި ގަހަށް ބަލާލާފައި ވަރަށް ބާރަށް ހޭންފެށިއެވެ. ގޭގެ ދެފަރާތުން ނުކުމެގެން ކުދިންނަށް މިއާދެވުނީ ގޭގެ ބިއްދޮށް ފަރާތަށެވެ. ކުރިން މިކަން އެނގުނުނަމަ ކަނާތް ވާތް ކިޔަން ނުތިބެ ދެކުދިން އެއްކޮށް ހިގައިގަތީހެވެ.
މަގުމަތީގައި މީހެއްގެ ހިލަމެއްވެސް ނެތެވެ. ގިނަ މީހުން ގޭތެރޭގައި ރޯދަ ވީއްލުމަށް އެއްޗެހި ތައްޔާރު ކުރަނީއެވެ. އަނާ އާއި ހައްވަ ދެފަރާތަށް ބަލަމުން މަޑުމަޑުން ހިނގަމުން ދިޔައެވެ. ވަކި ހިސާބަކުން ކުޑަ ކުއްޖެއްގެ ރޯއަޑު އިވޭހެން ހީވިއެވެ. އެކަމަކު އެ އަޑު އިވެނީ ގަސްތަކު ތެރޭންނެވެ. އަނާ ހައްވަގެ އަތުގައި ވަރަށް ބާރަށް ހިފިއެވެ. އަދި މަޑުމަޑުން އަޑު އަންނަ ދިމާއަށް ދިޔައެވެ. ހައްވަ ހިނިގަނޑެއް ޖަހާލާފައި އަނާގެ އަތް ފޮޅާލިއެވެ.
ނޭންގި ނަމަވެސް އެކުދިންނަށް މިއާދެވުނީ އަނާ ބުނި ދާގަނޑު ކެކުރި ވެޔޮ ކައިރިއަށެވެ. ވެޔޮގަނޑު އޮތީ ވަރަށް ބޮޑަށް ބިންގަނޑަށް ފެތުރިފައެވެ. އަދި ފާރު މަތިން ގޮސް ގޭގެ ފުރާޅުމަށްޗަށް ވެސް އޮތީ ވެޔޮގަނޑު ހެދިފައެވެ. ވެޔޮގަނޑު ތެރޭން އެއްޗެއް ތެޅޭހެން ހީވިއެވެ. އަނާ ކުޑަކޮށް ހާސް ވާން ފެށިއެވެ. އަދި ހައްވަ ގާތު ވެޔޮގަނޑާ އެހާ ކައިރި ނުވުމަށް ބުނެލިއެވެ. އެކަމަކު އެއަޑު އެ އަންނަނީ ކޮންތާކުންތޯ ހައްވަ ބަލަން ބޭނުންވިއެވެ.
އެވަގުތު އުޑުމަތި ބަނަވާން ފެށިއެވެ. ވިއްސާރަ ކަނި ޖަހަން ފަށައިފިއެވެ. އެއްކަލަ ރުއިމުގެ އަޑު އަނެއްކާ ވެސް ގަދަވިއެވެ. ހައްވަ އަކަށް އެކަނި އެދިމާއަށް ދާކަށް ނުކެރުނެވެ. އަނާ އަތުގައި ހައްވަ ހިފިއެވެ. އަދި ދެކުދިން މަޑުމަޑުން ވެޔޮގަނޑާ ކައިރި ވިއެވެ. އެތަނުގަ އޮތް ކުޑަ ދަނޑިގަޑެއް ނަގާފައި އަނާ ވެޔޮގަނޑު ކުޑަކޮށް ހިތްލާލިއެވެ. އެވަގުތު ވަރަށް ބާރަށް ރޮޔެގެންފައި ކުޑަ ކުޑަ ބުޅަލެއް ވެޔޮގަނޑު ތެރެއިން ނުކުތެވެ. ބުޅާ ނުކުތްލެއް ބާރުކަމުން ސިއްސައިގެން ގޮސް އަނާ އާއި ހައްވަ ވެއްޓުނެވެ. އަދި ހަޅޭއްލަވަމުން ދެކުދިން ދުވެފައި ވެޔޮގަނޑުތެރޭން ނުކުތެވެ. ނުކުތްގޮތަށް ބާރަށް ދުވަންފެށިއެވެ. އެއްވެސް ތާކު މަޑުނުކޮށް ނޭވާ ހުސްވަންދެން ދެކުދިން ބާރަށް ދުވިއެވެ.

ކުދިން ގެންފަ ތިބި ބިރުން ދެވޭ ނުދެވޭ ދިމާއެއް ނުބަލައެވެ. ހަމަ ޔަޤީނުން ވެސް މިހާރު އަނާގެ މާމަ ގެއާއި ހަމައަށް ދެވިދާނެއެވެ. ދެކުދިންވެސް ތިބީ ވަރަށް ވަރުބަލި ވެފައެވެ. އަދި މާނޭވާ ލަމުން އިރުކޮޅުކޮޅާ ފަހަތް ބަލަމުން ދިޔައެވެ. ކުއްލި އަކަށް އަނާއަށް ފެނުނީ ހައްވަގެ ފައިން ލޭ އަންނަތަނެވެ. ވެޔޮގަޑުތެރެއިން ހައްވަގެ ފައިގައި ކޮންމެ ވެސް ތޫނު އެއްޗެއް އަޅައިގަތީއެވެ. އަދި ހައްވަ ވެސް ހާސްވެފައި ހުރި ވަރުން ތަދު ވެސް އިހުސާސް ނުކުރެވުނީއެވެ. ނަސީބަކުން އެހާބޮޑަށް ހައްވަގެ ފައި ހަލާކެއް ނުވެއެވެ. ދެކުދިން ފުންނޭވާއެއްލާފައި މަޑުމަޑުން ހިނގައިގަތެވެ.
ތަންކޮޅެއް ދުރުން ދޯނިފަހަރު އެހެލާފައި ހުއްޓާ އަނާއަށް ފެނުނެވެ. އަނާ ހައްވައަށް އެމަންޒަރު ދައްކާލިއެވެ. އޭރު އިރު އޮއްސެނީއެވެ. އަދި ދެކުދިންނަށްވެސް އަނާގެ މާމަގެއަށް ދާންވީ ގޮތް ވިސްނުނެވެ. އިރުކޮޅަކުން ސަންގު ފުމޭ އަޑު ކުދިންނަށް އިވުނެވެ. ދެކުދިން އެއްފަހަރާ އަނެއްކާ ވެސް ދުވަންފެށިއެވެ.
އަނާގެ މާމައާއި، މަންމައާއި، ބޮޑުދައިތައާއި އަދި އަނާގެ ބައްޕަ ވެސް ހާސްވެފައި ތިއްބެވެ. އަނާ އާއި ހައްވަ ނުފެނިގެން ހޯދަނީއެވެ. ދެކުދިން ފެނުމުން މަންމަމެން ވަރަށް އުފާވިއެވެ. ބޮޑުކަމެއް ނުވެ ކުދިންނަށް ގެއަށް އާދެވުނުކަން އެއީ ނަސީބެކެވެ. އެހެންނަމަވެސް ކޮންމެފަހަރަކު އެހާ ނަސީބުވެރި ނުވެދާނެކަން އަނާއަށާއި ހައްވައަށް ވިސްނުނެވެ. އަދި މަންމަމެން ބުނާ ގޮތަށް ނުހަދާ ނަމަ މަންމަމެން ކުދިންނަކަށް އިތުބާރެއް ނުކުރާނެކަން އަނާއަށް އެނގުނެވެ.
އަނާ މަންމަ އަށް ވީގޮތް ކިޔާދިނެވެ. އަދި މަންމަ އަނާއަށް ނަސޭހަތްތެރިވިއެވެ. ރޯދަ ވީއްލި އިރު ވެސް އަނާގެ ހިތް އަވަސް ވެއެވެ. އެތަކެއް ދުވަހެއް ވީ އިރުވެސް އަނާ މާމަ ރަށުގައި ހައްވަ އާއި އެކު ގެއަށްދިޔަ ހާދިސާ ހަނދާނެއް ނުނެތެއެވެ.
އަނާ މާލެއައިސް މާލޭގައި ތިބި ރަޙްމަތްތެރިންނަށް ވެސް މިވާހަކަ ކިޔާދިނެވެ. މިހާރު އެވާހަކަ އަޑުއިވުމުން އަނާވެސް ވަރަށް ހިނި އާދެއެވެ. އެދުވަހު ވެޔޮގަނޑުދަށުގައި މިނިކާ ވަގެއް އޮތް ނަމަ ހަދާނީ ކިހިނެއްހޭ ބައެއް ކުދިން އަނާގާތު އަހައެވެ. އަނާ ހެމުން ހެމުން ބުނެލިއެވެ. "މިނިކާވަގެއް ރާއްޖޭގައި ނޫޅޭނެ!" އެވެ.